ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން(ބިގޭ)ގެ މައްޗަށް އަބުރުގެ ދައުވާ ކުރެވޭނެ ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ރުހުން ނުދޭން އެމްޑީޕީއިން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތު ކުރެވޭތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު، ބިގޭ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޝަހީމަށް ރުހުން ނުދޭން ނިންމީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ތުހުމަތުކޮށް އެމްޑީޕީގެ ބައެއް މެންބަރުން ހުށަހެޅި ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ަމިކަމާ ގުޅިގެން، މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ބިގޭގެ މައްޗަށް އަބުރުގެ ދައުވާ ކުރުމާމެދު ގޮތެއް އޮތްތޯ ބައްލަވާނެ ކަމަށާއި، އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހައި ހިނދެއްގައި، ކުށްވެރިއަކަށް ނުވާނެ ކަމަށެވެ.

އިދާރީ ފިޔަވަޅުތައް ވެސް ބިނާވާން ޖެހޭނީ އިންސާފުގެ މައްޗަށް: މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މީހެއްގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އުފަން ކުރުވާ އެއްޗެއް ކަމަށެވެ.

ޑރ.ޝަހީމަށް ރުހުންދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވި އިރު އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވިއެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އަށް މެމްބަރަކު ތިއްބެވިއެވެ.

ޝަހީމްގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމު އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށްވެސް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ.