މިފްކޯއަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސިލްސިލާގެ ދަށުން ރައީސް މިއަދު ޖަވާބުދެއްވީ، މަސްވެރިއެއްކަމުގައިވާ ހދ. ނޮޅިވަރަންފަރު، ހިޖުރަ، ޢަބްދުލްޣަނީގެ ސުވާލަކަށެވެ. ޢަބްދުލްޣަނީ ސުވާލުކުރައްވާފައިވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުންނެވެ.

ޢަބްދުލްޣަނީގެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ހަވާލުނުކޮށް ހުރި ކަމަށެވެ.

އަދި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ދެފަހަރެއްގެ މަތިން، މިހާތަނަށް 200 މިލިޔަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރައްވާފައިވާ ކަމަށާއި، އެހެންނަމަވެސް އަދިވެސް މަސްވެރިންނަށް ދޭންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުދެވި ހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރީންނަށް ނުދެވިހުރި ހުރިހާ ފައިސާ ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމެވުމަށްކަމަށެވެ. އަދި އެއަށްފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމުވެގެންދާނީ މަސްވެރިންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް މުޢިޢްޒުއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް، މި ސިލްސިލާގައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކުވެސް، ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ.

ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.