ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހއ.އިހަވަންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މިބައްދަލުވުމުގައި އިހަވަންދޫ އައިސް ޕްލާންޓް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމާއި ގުޅޭ ގޮތުންނާއި މަސް ރައްކާ ކުރާ ފެސިލިޓީއާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ރަށުގައި މަސްމާރުކޭޓެއް އެޅުމާއި އިހަވަންދޫ ކައިރީ ވަދު ކަދުފައްޗެއް އެޅުމަށް ކައުންސިލުން ވަނީ ހުށަހަޅުއްވައިފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި، މި ބައްދަލުވުމުގައި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ، އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު މިނިސްޓަރު ވަނީ ހިއްސާ ކުރައްވައިފައެވެ.

މިނިސްޓަރު ޝިޔާމް ގެންދަވަނީ، ސިލްސިލާ ގޮތެއްގައި އެކި ރަށްރަށުގެ ކައުންސިލުތަކާއި ބައްދަލުކުރައްވަވައި، މަސްވެރިންނަށް ދިމާވަމުން އަންނަ ދަތިތައް އޮޅުންފިލުއްވަމުންނެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީހާވެސް އަވަހަށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.