އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ މާލީ ޙާލަތާއި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން ވޯލްޑް ބޭންކާއި ހިއްސާކޮށްފިއެވެ.

Ads by Asuru

ވޯލްޑް ބޭންކުގެ ޓީމެއް ރާއްޖެ އައިސްފައިވާއިރު، މިނިސްޓަރު ސަޢީދު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ވިދާޅުވި ގޮތުގައި، އެ ޓީމުގެ ދަތުރަކީ ރާއްޖޭގެ އިޤްތިސާދާ، މާލީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޭފުޅުންނާ ވާހަކަ ދެއްކެވުމަށާއި، ކުރިއަށް އޮތް ރޭވިފައި ހުރި ޕްރޮގްރާމްތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ރާއްޖޭގެ އިކޮނޮމީ މެނޭޖް ކުރުމުގައި ނަގާ ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަތުމަށް އެބޭފުޅުން ކުރައްވާ ދަތުރުފުޅެކެވެ.

”ވަރަށް ފުންކޮށް ވާހަކަ ދެކެވިގެންދިޔަ. ދެން ރާއްޖޭގަ، އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ބައެއް ކަންތައްތައް ވެސް އަޅުގަނޑުމެން ހިއްސާކުރިން.“

އަދި ރާއްޖޭގެ މިވަގުތުގެ މާލީ ޙާލަތާއި ރާއްޖޭގެ އިކޮނޮމީ ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވިފައިވާ މިންވަރާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު، ނުދައްކާ 70 ބިލިއަން ރުފިޔާގެ ބިލް ހުރި ކަމަށާއި، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ އަދަދު 50 އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރަށް އަދި ތިން މަސް ނުވާއިރު، މި އުނދަގޫ ޙާލަތުން އަރައިގަނެ މަސައްކަތާއިގެން ކުރިއަށް ދިޔުމަށް އަމާޒު ހިފަން ތައްޔާރުވަމުން އަންނައިރު ވޯލްޑް ބޭންކާއި އައިއެމްއެފް ނުވަތަ އަވަށްޓެރި ޤައުމުތަކާއެކު ވެސް ރާއްޖޭގެ ޙާލަތާއި، ކުރަން ރާވާ ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަކީ ވަރަށް ފަހި ކަމަކަށް ވެގެންދާނެ ކަމަށެވެ.

 

ަ