މާލެ ސަރަހައްދުގެ ހިއްކާ ނިމިފައި ނުވާ ސަރަހައްދުތަކުން ވެސް ގޯތި ލިބުނު މީހުންނަށް، އެ ތަންތަން ލިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސްއާ ސުވާލުކުރެވޭ ގޮތަށް ”ރައީސްގެ ޖަވާބު“ މި ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ދޭންޖެހޭ ލިޔުން ދިނުމުގެ މަސައްކަތް މިހާރު ވެސް ހަލުވިކަމާއިއެކު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

”ރަޖިސްޓަރީ ހެދުމުގެ މަސައްކަތް، ރަޖިސްޓަރީ ދޫކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. ދެން ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފަވާ ގޯތިތަކަށް، ދޭން ޖެހޭ ވަގުތީ ލިޔުން، ޤާނޫނީ ގޮތުން ރަޖިސްޓަރީ މި ހެދެނީ ބިން ހިއްކުނީމަ، ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ދޭން އޮންނަ ވަގުތީ ލިޔުން، ވަގުތީ ރަޖިސްޓަރީއެއް، އެ ގޯތި ލިބުނުކަން ކަށަވަރުވާވަރުގެ ލިޔުމެއް ދޫކުރުމަށް ވެސް އެބަ މަސައްކަތް ކުރިއަށްދޭ.“ ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ތަކުރާރުކޮށް ދެއްވި ޔަޤީންކަމަކީ ހުޅުމާލެ، ގިރާވަރުފަޅު އަދި ގުޅީފަޅުން ވެސް ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމުގެ ޔަޤީންކަމެވެ.

އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ”ބިންވެރިޔާ“ގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފައެވެ.

ނަމަވެސް އެ ގޯތި ދިން އެތައް ބަޔަކަށް ރަޖިސްޓަރީއައި ބިން ހަވާލުކޮށްފައެއް ނުވެއެވެ.

ގޯތި ލިބުނު މީހުންގެ ތެރެއިން ރަޖިސްޓަރީއާއި ލިޔުން ހަވާލުނުކޮށް ތިބި 1114 މީހަކަށް ރަޖިސްޓަރި ހަވާލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.