ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

Ads by Asuru

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް އެކުލެވޭ ބަޔާނެއް އިއްވެވުމަކީ ލާޒިމް ކަމެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައެވެ.

ޖަލްސާ ފައްޓަވައިދެއްވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ. އެއަށްފަހު އެ ޖަލްސާގައި އޮންނާނީ ރައީސް މުޢިއްޒުގެ ރިޔާސީ ބަޔާން އިއްވެވުމެވެ.

ޖަލްސާގެ އެޖެންޑާގައި ވެސް އޮތީ، ރިޔާސީ ބަޔާން އިއްވެވުން އެކަންޏެވެ.

ކޮންމެ އަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި، ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމާ ގުޅޭ ސިޔާސަތުތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވަވަން ޖެހެއެވެ.