ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްއެވެ.

Ads by Asuru

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފިތުރޯނު ހިނގުމުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރު ކަމަށެވެ.

މި ހާދިސާގައި ތިން ފިރިހެނަކާއި އެއް އަންހެނަކަށް ވަނީ އަނިޔާ ލިބިފައެވެ.

އެކްސިޑެންޓުވި މީހުން އެންމެ ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނުއިރު، އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުން އަންނަނީ ދެ މީހުންނަށެވެ.

އަނެއް ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލި އިރު، ހަތަރު ވަނަ މީހާގެ ހާލު ސީރިއަސްވެގެން ރޭގެ ވަގުތެއްގައި ވަނީ އޭޑީކޭއަށް ގެންގޮސްފައެވެ.

އޭޑީކޭއަށް ގެންގޮސްފައި ވަނީ އެކްސިޑެންޓުގައި ޙާލު ސީރިއަސްވި ފިރިހެންމީހާއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ މޫނު މައްޗަށާއި ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި  އެކްސިޑެންޓުވި އަންހެން މީހާގެ ފައި ވެސް ވަނީ ބިނދިފައެވެ.