ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު، އަމިއްލަ ހިޔާވަހިކަމެއް ނެތް ދިވެހި ރައްޔިތަކު ނުހުންނާނެކަން ކަށަވަރު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި، މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ޙައްލު ކުރަން ޖެހިފައިވާ މައްސަލަތަކުގެ ތެރެއިން، އެންމެ ބޮޑު އަދި ރައްޔިތުން އެންމެ ހިތްދަތިވާ މައްސަލަ އަކީ ގޯތިގެދޮރުގެ ދަތިކަން ކަމަށެވެ. އަދި އެއީ ޤައުމުގެ މިނިވަންކަން ދިފާޢު ކުރެއްވުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވަވާނެ ކަންތައް ކަމުގައި ވެސް ވިދާޅުވިއެވެ.

”މިއީ ފަރުވާއެއް ނުލިބި، ޒަމާންތަކެއް ވެފައިވާ ބޮޑު ފާރުގަނޑެއް. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ގޯތި ގެދޮރާއި އަމިއްލަ ހިޔާވަހިކަން އެކަމަކަށް ބޭނުންޖެހިފައިވާ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ޙައްޤެއް، އެއީ އަސާސީ ޙައްޤެއްވެސްމެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މާލެ ސަރަހައްދުގައި ގިރާވަރުފަޅާއި ގުޅީފަޅުން ކުރިން ހިއްކަން ނިންމި ސަރަހައްދަށްވުރެ ބޮޑަށް ހިއްކާނެ ކަމަށާއި، މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ އެންމެންނަށް އެކަން ހަމަޖައްސައިދެވޭނީ އެގޮތަށް އެކަން ކޮށްގެން ކަމުގައި ވިދާޅުވެފައެވެ.

އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނެވޭނީ ފުށިދިއްގަރުފަޅުގައި ހިންގާ ”ރަސްމާލެ“ މަޝްރޫޢުއާއި ވެސް އެކުގައި ކަމަށް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ، އެ ސިޓީ ތަރައްޤީ ވެގެންދާނީ، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ސޭފް އައިލެންޑް ސްޓޭންޑަޑަށް، ނެޓް ޒީރޯ ކާބަން އިކޯ ސިޓީއެއްގެ ގޮތުގައި ކަމަށެވެ.

”ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އެކްސެސިބިލިޓީ ލިބިފައިވާ، ފަސޭހަ ސިޓީއެއްގެ ގޮތުގައި.“ ރައީީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހުޅުމާލެއާއި، ގިރާވަރުފަޅާއި ގުޅީފަޅާއި ރަސްމާލެވެސް ހިއްކުމަށްފަހު، މަގު ހެދުން ފަދަ އަސާސީ ކަންކަން ޤާއިމު ކުރައްވާނެ ކަމަށް ވިދާޅުވެ، ގޯތި ލިބޭނެކަމުގެ ލިޔުމެއް ލިބުނު ކޮންމެ މީހަކަށް ވެސް އެ ޙައްޤު ކަށަވަރު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.