ވޭތުވެދިޔަ ފަސް އަހަރު އަށް ބިލިއަނެއްހައި ރުފިޔާ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒު މިކަން ފާހަގަކުރައްވައިފައި ވަނީ މިއަދު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހި ޤައުމުގެ ތަރައްޤީއާ ކުރިމަގަށް ސަރުކާރުން ކުރާ ތަޞައްވުރާ އުއްމީދު ޙަޤީޤަތަކަށް ހެދޭނީ މާލީގޮތުން ޤައުމު ވެއްޓިފައި އޮތް އަޑިގަނޑުން ސަލާމަތްވެ، ހިންދެމިލައިގެން ކަމަށެވެ.

އަދި ދިވެހި ތާރީޚުގައި މީން ޒަމާނަކު ޤައުމު ނުދަރާވަރަށް ސަރުކާރާ ޙަވާލުވިއިރު ދައުލަތް ދަރާފައިވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސް ކުރަން ނަފާފައިވާ ދަރަނީގެ ސަބަބުން މިދިޔަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި އުފުލުނު ކަމަށެވެ.

”ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފަ. ވޭތުވެދިޔަ 5 އަހަރު 8 ބިލިއަނެއްހައި ރުފިޔާ ވަނީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ނަމުގައި ޗާޕްކޮށްގެން ނެރެފައި. މިއީ އޭގެ ކުރީގެ 40 އަހަރު ފައިސާ ޗާޕްކުރި ޖުމްލަ މިންވަރާ ނުބައްދަލު ބޮޑު އަދަދެއް.“

މިހައި ގިނަ އަދަދަކަށް ފައިސާ ޗާޕު ކުރުމުގެ ސަބަބުން، ރައީީސް ވިދާޅުވި ގޮތުގައި، އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރުފިޔާގެ ހަމައަގު ހިފެހެއްޓުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވިއެވެ.

ރައީީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ ޣައިރު ޒިންމާދާރުކަމާއެކު މަނިޓައިޒްކުރަމުން ދިޔަ ދިޔުން ނިމުމަކަށް ގެނައުން ކަމަށެވެ.

”މިގޮތުން 31 ޑިސެންބަރު 2023ވަނަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލާ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ސަސްޕެންޑް ކުރެވުނު މާއްދާތައް އިއާދަކުރެވުނު. އަދި އިޤުތިޞާދު ހަމަމަގަށް އެޅުވުމަށް މަސައްކަތް ފެށިގެންދިޔަ،“. ރައީސް އިތުރަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިޤުތިޞާދީ ގޮތުން ފަހި މަންޒަރެއް ފެންނަންއޮތްނަމަވެސް، ދައުލަތުގެ މާލިއްޔާއަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.