ތ.ބުރުންޏަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ އަވަހަށް ޙައްލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒު އިއްޔެ ވަނީ ތ.އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ފައްޓަވައިފައެވެ.

އެގޮތުން މިއަދު ބުރުނީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށް ގިރުމުގެ ސަބަބުން އެ ރަށަށް އިންތިހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރަށުގެ ފަތުރުވެރިކަމާއި ރަށުގެ ރައްޔިތުންނަށް ގެއްލުން ލިބުމަކީ އެދިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރަށުގެ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ވަރަށް ސަމާލުކަން ދީގެން ޙައްލު ކޮށްދޭނެ ކަމަށް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ އެ ރަށުގެ ކައުންސިލުން ވެސް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވަނީ ރަށް ގިރުމުގެ މައްސަލަ ކަމަށާއި، އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދަތިވެ، ބޮޑެތި ހުރަސްތަކެއް ކުރުމަތިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ބުރުނީގެ ބަނދަރުގެ ދަތިކަން ޙައްލު ކުރުމަށް މިދިޔަ ސަރުކާރުގައި ސޮއިކުރެވި، ނުފެށި ވާއިރު، އެގޮތަށް ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބަޖެޓްގައި ޖާގަ ނެތަސް، އެފަދަ ކަންކަމަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބުރުނީ ކައުންސިލުން ބޭނުންވާ ކަމުގައިވާނަމަ، ރަށަށް ބޮޑު އިޤްތިސާދީ ކުރިއެރުން ލިބޭ ގޮތަށް ފުރުޞަތުތައް ވެސް ހޯދައިދެއްވާނެ ކަމަށެވެ.