ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތ.ހިރިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހަވީރު ވަންދޫ ފެނަކަ އޮފީސް އިމާރާތުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސްއާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން ބިންހިއްކުމުގެ މަޝްރޫޢު ހުއްޓިފައިވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މިހާރު ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް ކުރިއަށް ނުގޮސް ހުރުމުގެ ސަބަބުން ކައުންސިލުންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ރަމަޟާން މަހަށް ފެނުގެ ޚިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އަދި މިހާރު ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އެގޮތުން ބަނދަރު ބޮޑުކުރުމާއި، ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތް ބޭނުންވާ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ހިރިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އެކަނބަލުންގެ ކަންބޮޑުވުންތަކާއި އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.

އެގޮތުން ރަށުގެ ޞިއްޙީ ޚިދުމަތް ހީނަރުވެފައިވާކަން އެކަނބަލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލު ހޯއްދަވައިދެއްވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.