މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ސްޓެލްކޯ އާއިއެކުގައި މަޝްވަރާކޮށްފިއެވެ.

Ads by Asuru

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވަނީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، މުޙައްމަދު ޝަހީމް ޢަލީ ސައީދާއި ބުދަ ދުވަހު ބައްދަލުކުރައްވާފައެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝަހީމް ވަނީ މިސްކިތްތަކާއި ދީނީ އެކިއެކި މުއައްސަސާތަކުގައި ސޯލާ ޕެނަލް ހަރުކުރުމާއި މިނިސްޓްރީއަށް ފަންނީ އެހީ ފޯރުކޮށްދިނުމާއި ގުޅޭގޮތުން ސްޓެލްކޯގެ އެމްޑީއާއި މަޝްވަރާކުރައްވާފައެވެ.

ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މިސްކިތްތަކާއި ގުޅޭ ކަންކަމުގައި ސްޓެލްކޯގެ ދާއިރާގެ ތެރެއިން ދެވެންހުރި ފަންނީ އެހީ އިސްލާމިކް މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝަހީމްއާއި އެމްޑީ ފަހުމީގެ އިތުރުން ސްޓެލްކޯއާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެެރިވެލެއްވިއެވެ.