ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމްގެ މަޤާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

Ads by Asuru

މި މައްސަލަ ހުށަހެޅީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ 23 މަޖިލިސް މެމްބަރެއްގެ ސޮޔާއިއެކުގައެވެ.

މައްސަލަ ކުރިއަށް ނުގެންދާން ނިންމެވިކަން ހާމަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތު އެ މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވަނީ ކަމަށެވެ. އަދި އެކަން މިހާރު މަޖިލީހަށް އަންގާފައިވާނެ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ސިރާޖު ނުދެއްވައެވެ.

ސިރާޖުގެ ހިމެނޭހެން 13 މެންބަރަކު ވަނީ ސޮއި އަނބުރާ ގެންގޮސްފައެވެ. އެހެން ކަމުން މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ އަދަދު ވަނީ ގެއްލިފައެވެ.

އަސްލަމާއި ސަލީމް ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ޕީޕީއެމް/ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި އަމިއްލަ ބައެއް މެންބަރުންގެވެސް ސޮޔާއެކުގައެވެ.