ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް ”ރިވެލި“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

Ads by Asuru

ރައީސް މުޢިއްޒު މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އެ މަނިކުފާނު އެކުވެރި ޢަރަބި އިމާރާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ދުބާއީގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެކުވެރި ޢަރަބި އިމާރާތުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް ވަޢުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން އިފްތިތާޙް ކޮށްދެއްވި ޕްރޮގްރާމެކެވެ.

މިރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ބައްދަލުވުމަށް ވަޑައިގެންނެވި އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.