މި އަހަރުގެ ތެރޭގައި ކ.މާފުށީގައި ޑޮލަރު އޭޓީއެމެއް ބަހައްޓަން ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، އާއްމުންގެ ސުވާލުތަކަށް ސީދާގެ ރައީސްގެ ޖަވާބު ދިނުމަށް ރައީސް އޮފީހުން ކުރިއަށް ގެންދާ ސިލްސިލާގައި، މާފުށީ މީހަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު ވަޢުދުފުޅެއް ކަމަށާއި، އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

”އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަ ދައްކައިގެން، އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ހަމަ، ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން.“ އެމަނިކުފާނު ވިދާޅުވިއެވެ.

މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބެހެއްޓުމަކީ ރައީސް މުޢިއްޒު ރިޔާސީ ކެމްޕެއިނުގައި ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.

ޑޮލަރުގެ ތާށިކަން ޙައްލު ކުރެވޭނެ އިރަކާ ގުޅޭގޮތުން އަމާޒު ކުރި ސުވާލުގެ ޖަވާބުގައި ރައީސް އިތުރަށް ވިދާޅުވީ، އިޤްތިޞާދަށް ގެންނަ ބަދަލުތަކާއިއެކުގައި އެކަމަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބިޔަ މަޝްރޫޢުތައް ހިންގައި، އިންވެސްޓްމަންޓްތައް އަންނަން ފެށުމުން ޑޮލަރު ތިޔާގިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.