އެމްޑީޕީގެ ކުރީ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމުގެ ބަދަލުގައި، ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ހެލްތު މިނިސްޓަރު ޚަލީލް މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް، ބައެއް ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިއްހާތާއިބެހޭ ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުމުގެ ބަދަލުގައި، ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށެވެ.

ސިއްހީ ޚިދުމަތްދޭ ޢިމާރާތްތައް މަރާމާތު ނުކޮށް ދޫކޮށްލާފައިވާ ހުރުމުން، ގިނަ ތަންތަން ހުރީ ފުރާޅު ފޫވެއްޓި ނުވަތަ ސީލިންގ ވެއްޓޭ ހިސާބުގައިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި ހުރި މެޝިނަރީތައްވެސް ހުރީ ވީރާނާވާން ދޫކޮށްލާފައިކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްހީ އާލާތްތައް ހަލާކުވުމުން އެތަކެތިވެސް މަރާމާތު ކުރުމުގެ ބަދަލުގައި ހުރީ ނުހަދައި ދޫކޮށްލާފައި ކަމަށާއި، ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން އަސާސީ ބައެއް ބޭސްތައް ހުސްވެފައި ހުރުމުގެ އިތުރުން ބައެއް ޚިދުމަތްވެސް ހުރީ ހުއްޓިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚަލީލު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެންގޮސް އެންމެ ކުޑަ އާބާދީ އޮތް ރައްރަށުގެ ސިއްހީ ހާލަތުވެސް ކުރީ ސަރުކާރުގެ ދައުރު ނިމިގެން ދިޔައިރު އޮތީ ވަރަށް ދަށް ފެންވަރެއްގައިކަމަށެވެ. އަދި މިއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ކަން ހިނގާގޮތްކަމަށް ވެސް ވިދާޅުވިއެވެ.