އައްޑޫ ސިޓީ ހުޅުދޫ އާއި ހިތަދޫ ގުޅުވާލައި އަޅާ ބްރިޖުގެ ޢަމަލީ މަސައްކަތް މި އަހަރުގައި ފެށިގެން ދާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އިރާދަކުރެއްވިއްޔާ މި ދަތުރުގައި އަޅުގަނޑުމެން ފަށަން މި މަސައްކަތް ކުރަނީ، މި ސިޓީގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން އަޅުގަނޑު ވަޢުދުވެފައިވާ އެންމެބޮޑު މަޝްރޫޢުގެ ފީޒިބިލިޓީ ޑިޒައިން، ފީޒިބިލިޓީގެ މަސައްކަތް. އެއީ، ބުރިޖުގެ މަސައްކަތް. އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، އޭގެ ޑިޒައިން މަސައްކަތް، ފީޒިބިލިޓީ މަސައްކަތް އެއީ، ހިލޭ އެހީ. އެ މަސައްކަތް ނިމިގެން ދެން މަސައްކަތަށް، އަޞްލު ބުރިޖުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާއިރުގައި، މި ދެންނެވި ބީދައިން ކުރިއަށްދާނީ.“ އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ބްރިޖަށް ޗައިނާގެ ބޮޑެތި ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ. އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި، އެ މަޝްރޫއުއަށް ކުންފުންޏަކުން ހުށަހެޅި ޕްރޮޕޯސަލްއެއް އިވެލުއޭޓު ވެސް ކޮށްފައިވެއެވެ.

އައްޑޫ ބްރިޖަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެމަނިކުފާނުގެ ”ހަފުތާ 14“ ނުވަތަ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖާ ގުޅުން ހުރި މުހިންމު ކަންތައްތަކެއް ރާވާފައިވެއެވެ.

މިވަގުތު އެންމެ އިސްކަމެއް ދީފައި ވަނީ ބްރިޖުގެ ޑިޒައިނާ އެކީ ފީސިބިލިޓީ ސްޓަޑީއެއް ހެދުމުވެ.

ސަރުކާރުން ބުނެފައި ވަނީ ”ހަފުތާ 14“ ގެ ތެރޭގައި ދިރާސާތައް ނިންމައިލެވޭނެ ކަމަށެވެ.