މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ދަނީ އެންމެ މައްޗަށްކަން ފާހަގަކޮށް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ތަޢުރީފުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ހަވީރު މަރަދޫފޭދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދާދިފަހުން ދުބާއީއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އައިއެމްއެފްގެ ޑިރެކްޓަރު ޖެނެރަލް ވެސް ރާއްޖެއިން ނެގި އިގުތިސާދީ ފިޔަވަޅުތައް ފާހަގަކުރެއްވި ކަމަށެވެ.

”އަޅުގަނޑު އެންމެފަހުން ދުބާއީގައި އޮތް ބައްދަލުވުމުގައި އައިއެމްއެފްގެ ޑިރެކްޓަރު ޖެނެރެލާ ބައްދަލުކޮށްފައި ވެސް ދެންނެވީ އެ ވާހަކަ. އަޅުގަނޑުމެން އަމިއްލައަށް ނިންމައިގެން މި ފެށި އިޤްތިޞާދީ އެޖެންޑާއިން ރާއްޖެ ދާނީ އެންމެ ދިމާއަކަށޭ، އެއީ މައްޗަށޭ. ލަފްޒީ މާނައިގައި ހަމަ އެހެން ވިދާޅުވީ އެކަމަށް އިޝާރާތްކޮށްފައި. އޭގެ މާނައަކީ އަޅުގަނޑުމެންގެ އިޤުތިޞާދު ދާނީ ކުރިއަށޭ. އެހެންވީމާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކަށް އޮތީ މި މަސައްކަތަށް އިތުބާރުކުރެއްވުމަށް. މިކަން ކުރިއަށްގެންދިއުމަށް ފުރުޞަތު ދެއްވައި އިތުބާރުކުރެއްވުމަށް،“ އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލަން ސަރުކާރުން ނިންމު، ފަސޭހަ ގޮތަށް ފައިސާ ޗާޕުކުރަމުން ގޮސް ހުރިހާ ކަމެއް ދެކޮޅު ޖެއްސެން އޮއްވައި ކަމަށް ވިދާޅުވެ، ރައީީސް ވަނީ ފައިސާ ޗާޕު ކުރުމަކީ ޤައުމަށް ފައިދާ ހުރި ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލާނެ ކަމަށް ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް އެ ވަޢުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށާއި ރައްޔިތުންނަށް އެންމެ ހެވާއި ލާބަ ލިބޭނެ ގޮތަކީ އެއީ ކަމަށެވެ.