އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

Ads by Asuru

އެކަމަނާ މި ލޯގޯ އިފުތިތާޙުކޮށްދެއްވާފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ހަފުލާގައެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ މިއަދު އިފުތިތާޙުކުރި ލޯގޯ އާއެކު ގޭގައި ތިބެގެން މަސައްކަތްކުރައްވާ ފަރާތްތަކަށް އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ފުރުޞަތު ފަހިވެގެންދާނެކަމަށެވެ. އަދި ޚާއްޞަކޮށް ކަނބަލުންގެ ވިޔަފާރިތަކަށް މިކަމުން ފައިދާ ލިބިގެންދާނެކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ލޯގޯގެ މަޤުޞަދުތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމް.އެފް.ޑީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެތަކެތީގެ ރައްކާތެރިކަމާމެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ލޯގޯ ތައްޔާރުކުރުމުގެ މަސައްކަތް ބީ.ސީ.ސީ. އިން އިސްނަންގަވައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއެކު ކުރެއްވިކަމީ، އާމްދަނީ ހޯދުމަށްޓަކައި ގޭގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ފައިދާކުރާނެ ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އަދި ކަމާގުޅޭ އިދާރާތަކުން މިގޮތަށް ގުޅިގެން ކުރާ މަސައްކަތްތަކުން ޤައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ދިއުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ޤާނޫނަކަށްވެ އެ ޤާނޫނު ތަންފީޒުވެގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި މިކަމުން ރައްޔިތުންގެ ފައިދާއަށާއި ޤައުމުގެ ކުރިއެރުމަށް މަގުފަހިކުރެވިގެން ދާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ.

”އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު“ ބީ.ސީ.ސީ. އިން އެކުލަވައިލައި މިހާރު ވަނީ ގެޒެޓުކޮށްފައެވެ.