މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދިނުމަށް މަގުފަހި ކޮށްދޭނެ އިންތިޚާބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

Ads by Asuru

ރައީސް މިކަމަށް ގޮވާލެއްވީ، ހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުން ސަރުކާރަށް ދެއްވާ އެއްބާރުލުމުގައި ކުރިއަށް ވަޑައިގެން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

“އެއީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރެއްވި ޒިންމާގެ މަތީގައި އަޅުގަނޑު މިހިރީ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާ އެކީގައި މަސައްކަތް ކުރުމުގައި މިއަދާ ހަމަޔަށް މިވީ ތިންމަސް ދުވަހުގެ ތެރޭގައި. އެ މަސައްކަތުގައި ކުރިއަށް ދިޔުމުގައި އަދި މިހިރީ ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައި.“

ރައީީސް ވިދާޅުވީ ހަފްތާ 14ގެ ތެރޭގައި ޕްލޭންކުރި ހުރިހާ ކަމެއް ދަނީ ކުރަމުން ކަމަށާއ، ކުރިއަށް އޮތީވެސް  ހަމަ އެގޮތަށް ކުރަންހުރި މަސައްކަތްތައް ކުރުން ކަމަށެވެ. އެ ކަންތައްތައް ކުރުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”ކުރިއަށް މިއޮތީ އެ އެއްބާރުލުން ދެއްވަން އޮތް އެންމެ މުހިންމު ދަނޑިވަޅު. އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ނިޒާމު، ދުސްތޫރީ ނިޒާމު ރޭވިފައި އޮތް ގޮތުން، ސަރުކާރަކުން އަދި ކިތަންމެ ކަމެއް ރައްޔިތުންނަށް ކޮށްދޭން ބޭނުންވިޔަސް، އެ ރައްޔިތުންގެ މަޖިލިސް، ރައްޔިތުން ސަރުކާރާ އެއްކޮޅަށް ނުނިންމައިދީފިއްޔާ، ސަރުކާރުން އެއްކަލަ ކޮށްދޭން ބޭނުންވި ކަންކަން ކުރުމުގައި ހުރަސްއެޅުމުގެ ފުރުޞަތު އޮތް ނިޒާމެއް މި ރާއްޖޭގައި މި އޮންނަނީ.“ ރައީީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބޭއިރު ޒިންމާދާރުކަމާ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކީގައި، ސަރުކާރުން ކުރަން އެދޭ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އިންތިޚާބުގައި ކަންކަން ނިންމައިދޭ އިންތިޚާބަކަށް ހަދައިދިނުމަކީ، ރައްޔިތުން ކުރާނެ ކަމެއް ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ އެއްވެސް ޙާލެއްގައި ސިޔާސީ ކަމެއް ނޫނެވެ.

‏“އަޅުގަނޑުމެންގެ އަމިއްލަ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީއަށްޓަކައި، ސިޓީގެ ތަރައްޤީއަށްޓަކައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންވީ ކަމެއް މިއީ.“