އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކުން އެދެމުންދާ އެލަވަންސްތައް ހޯދައި ދިނުމަށް ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އ.ތ.މ. ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ޤާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރިކަން ފާހަގަ ކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރު ހުރީ ހުންނަންވީ ފެންވަރެއްގައި ނޫންކަމަށާއި އެސިޓީގައި މި ސަރުކާރުން ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް ޤާއިމު ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ ތިން ސަރަޙައްދެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި އަދި ބަނދަރު ބޮޑުކޮށް އަލުން ތަރައްޤީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ފެށުންކަމުގައެވެ.

ފުވައްމުލައް ސިޓީގައި މިއަދު ޢަމަލީ މަސައްކަތް ފެށްޓެވި މަޝްރޫޢުގެ ދަށުން ޖުމްލަ 12 ކިލޯމީޓަރުގެ މަގު ހަދާނެއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ގެންނެވި ބަދަލާއެކު ފުވައްމުލައް ސިޓީއަށް އިޤުތިޞާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.