ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ތިނަދޫގެ ރައްޔިތުން ކުރެއްވި އިތުބާރާއި، ދެއްވި ބޮޑު ތަރުހީބަށް ޝުކުރު އަދާކުރައްވައި، އެ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައި، ތިނަދޫ ސިޓީ ޙަޤީޤީ ފުރިހަމަ ސިޓީއަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ގދ. ތިނަދޫ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތިނަދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، މި ސަރުކާރުން ތިނަދޫ ސިޓީ ޙަޤީޤީ މާނާގައި ތަރައްޤީ ކުރާނެ ގޮތްތައް ތަފުޞީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުގެ ތަރައްޤީ ޕްލޭންގައި ހިމެނޭ، ސަރަހައްދީ ތަރައްޤީގެ އެއް ނާރެސް ކަމުގައެވެ.

މި ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވަމުން ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިރޭ ސޮއިކުރެއްވިގެންދިޔަ ފަހުމުނާމާގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެގޮތުން ތިނަދޫ ސިޓީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފެންވަރަށް ތަރައްޤީކުރާނެ ވައިގެ ބަނދަރެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ވައިގެ ބަނދަރަކީ ފެންމަތީގައި ހަދާ ތަނެއްކަމަށާއި، ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް އެތަން ވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މި މަޝްރޫޢުގެ ތެރެއިން ފްލައިންގ ސްކޫލަކާއި، 12 ރިސޯޓް ތަރައްޤީވެގެން ދިއުމުން ރައްޔިތުންނަށް ވަޒީފާ ލިބި މުޅި ސަރަހައްދު ކުރިއަރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެއާއެކު މި މަޝްރޫޢު ގިނަވެގެން ދެ އަހަރު ތެރޭގައި ނިމިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ، މަޝްވަރާގެ އުސޫލުން ވާހަކަދެކެވިގެން ރިވެތި އުސޫލުން ކަންކަން ކުރެއްވުމަށް ބާރުއަޅުއްވާފައެވެ.

އެގޮތުން ”މި ޤައުމަށް އެންމެ ރަނގަޅު ކަންކަން ކޮށްދިނުމުގައި އަޅުގަނޑުމެން އިސްކުރާނީ ރިވެތި އުސޫލު، އެ އޮންނަ ރީތި ހަމަ އާއި އިންސާފު، އެގޮތުގެ މަތިން ކުރިއަށްދިޔައިމަ އޭގެ ހެޔޮ ނަތީޖާ ނުކުންނާނެ“. ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނަށް އެންމެ މުހިންމީ ރައްޔިތުން އެދޭ ކަންކަން ކުރެވިގެން ދިއުންކަމުގައި ފާހަގަކުރައްވައި، ވަކި މީހެއްގެ ވިސްނުންހުރި ގޮތެއް ނުބަލައި ކޮންމެ ރައްޔިތަކަށްވެސް ހަމަހަމަ އުސޫލުން ކަންތައްތައް ކޮށްދެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި އެކަމުން ޤައުމަށް ހަމަޖެހުން ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިޔާސީ ވިސްނުމެއްގައި ބޭއިންސާފުން މީހުންނާމެދު ކަންތައްތައް ކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.

އަދި މި ސަރުކާރު އައީ ޤައުމަށް ހަމަޖެހުން ގެންނަންކަމުގައި ވިދާޅުވެ، އެންމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށާއި، ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.