އަަންނަ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ތިން ދުވަހެއްގައި އައިޑީ ކާޑު ދޫކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފިއެވެ.

Ads by Asuru

ޑީއެންއާރުން ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގެ ތެރެއިން އޭޕްރީލް މަހުގެ 1، 3 އަދި 8 ވަނަ ދުވަހު އައިޑީ ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން މެންދުރު 11:30 އަށް ކަމަށެވެ.

އައިޑީ ކާޑު ދޫކުރާނީ ”ކިއު ބީ“ އިން ނަމްބަރު ނެގުމުން ކަމަށާއި އަދި އެ ތިން ދުވަހުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 150 ނަމްބަރު ކަމަށް ޑީއެންއާރުން ބުންޏެވެ.

އައިޑީ ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާ ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓިއާއެކު ފޮނުވުމުން ހަވާލުކުރެވޭނެ ކަމަށާއި އެ ގަޑިތަކުގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި އެ ޑިޕާޓްމަންޓުގެ ހޮޓްލައިން ނަމްބަރު 7280368 އަށް ގުޅާލުމުން އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ވެސް ޑީއެންއާރުން ބުންޏެވެ.

ޑީއެންއާރުގެ އިއުލާނުގައި ބުނީ އެ ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ނިންމެވި ނިންމެވުމާ އެއްގޮތަށް، އެ މުއައްސަސާގެ ހިދުމަތްތައް ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމި ނިންމުމެއް ކަމަށެވެ.

މި އަހަރުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އެ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި، އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ރޯދަ މަހުގައި ސަރުކާރުގެ ރަސްމީ ގަޑިއެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.