ރައީސް ތަސްދީގުނުކުރަށްވައި، އަނބުރާ މަޖިލީހަށް ފޮނުއްވި، މަޖިލިސް އިންތިހާބު ފަސް ކުރުމާއި ގުޅޭ ބިލު ބަދަލެއް ނުގެނެސް، މަޖިލީހުން އަނެއްކާ ވެސް ފާސްކޮށްފިއެވެ.

Ads by Asuru

އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ.

އިންތިހާބު ބާއްވަންޖެހޭ ތާރީހު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެއެވެ.

އޭގެ އިތުރުން އިންތިހާބުތަކާގުޅޭ ހާއްސަ ގާނޫނެއްގެ ދަށުން، ނުވަތަ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން އެކިކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، ގާނޫނުގެ 43 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށް މަޖިލީހަށް ފާސްކުރި އިސްލާހުގައިވެއެވެ.

މަޖިލީހުން އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ގެނައި އިސްލާހުގެ ބިލު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ވަނީ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.