އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ދޭން ނިންމާފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޓިކެޓް ރަސްމީކޮށް ހަވާލުކުރަން މި މަހުގެ 19 ގައި ހާއްސަ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

Ads by Asuru

މިކަމާ ބެހޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ޖަލްސާ އަކީ ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމުމާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށާއި ޓިކެޓް ރަސްމީކޮށް ހަވާލުކުރުމުގެ ޕާޓީގެ އަސާސީ ގަވައިދަށް ގެނެސްފައިވާ ބަދަލުތަކެއް ވެސް ހާމަކުރަން ބާއްވާ ވަރަށް ހާއްސަ ޖަލްސާއެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ގިނަ އަދަދެއްގެ ބައިވެރިވާ ގޮތަށް ޖަލްސާ ކުލަގަދަކޮށް ބާއްވާނެ އެވެ.

ރައީސް ޔާމީނަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމި ނިންމުން އެމަނިކުފާނު ވަނީ ގަބޫލުފުޅު ކުރައްވާފައެވެ. ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ދިނުމުން، އެމަނިކުފާނަށް މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ.