ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ކެޓް ޝެލްޓަރ ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

Ads by Asuru

މާލޭގެ މަގުމަތީގައި ބުޅާ ގިނަވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް ކެޓް ޝެލްޓަރ ހަދަން ކަނޑައަޅާފައިވާ ބިން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.

ސިޓީ ކައުންސިލުން މިހާރު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާއިރު، މި މަސައްކަތަށް އަގު ހުށައެޅުމުގެ ފުރުސަތު މިމަހުގެ ހަތް ވަނަ ދުވަހު އޮންނާނެއެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ކެޓް ޝެލްޓަރ ހަދަން ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ހަވާލުކޮށްފައެވެ.

އެމަޝްރޫއުގެ ދަށުން ހަދާ ކެޓް ޝެލްޓަރގައި ބުޅަލާއެކު އާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއް ވެސް ހުޅުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކެޓް ޝެލްޓަރ ހެދި ނަމަވެސް ކުރިއަށް އޮތްތަނުގައި ދޫނި ފަދަ ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ.