މީދޫގެ ބަނދަރުގެ މަސައްކަތް ކުރިޔަށްގެންދާނީ ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މިކަމުގެ ޔަގީންކަން ދެއްވާފައި ވަނީ މިރޭ މީދޫ ކައުންސިލުގެ މެންބަރުންނާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ސައިޒުބޮޑުކޮށް ބަނދަރަށް ގެންނަންވާ ބަދަލުތަކާއި ހޮސްޕިޓަލެއްގެ މުހިންމުކަމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ރަށުން ބިންހިއްކެއް އޮތް މިންވަރެއްގެ ބިން ހިއްކުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މިކަންކަމުގެ އިތުރުން މިހާރު ނުހެދި ހުރި މަގުތައް ހެދުމުގެ މުހިންމުކަމާއި އިންޑޯ ކުޅިވަރުތައް ކުޅޭނެތަނެއްގެ އިތުރުން އިސްލާމީ މަރުކަޒެއް އަދި ޑޮލަރ އޭޓީއެމްއެއްގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.