ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި ހަތް އާބަން ސެންޓަރު ތަރައްގީ ކުރާނެ ކަމަށާ، އޭގެ ތެރޭގައި ރ.އުނގޫފާރު ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އުނގޫފާރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަން ސެންޓަރެއް ތަރައްޤީ ކުރައްވާނެކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި އެންމެ މުހިންމު ކަންކަން ފުއްދަވައިދެއްވާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، އިގްތިސާދު ވަރުގަދަކޮށް، ފަސޭހަކަމާއެކު އަނބުރާ ދެއްކޭނެ ލުއި ލޯނު ސްކީމް ތައާފަރުކުރުމަށް މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ސޯޝަލް ހައުސިންގއަށް ކުރެވެމުންދާ މަސައްކަތްތައް އެމަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކުޅިވަރުގެ ދާއިރާ، އުމްރާނީ ތަރައްޤީގެ ދާއިރާ، އިޖްތިމާޢީ ތަރައްގީގެ ދާއިރާއާއި ދެންވެސް ހުރި އެކިދާއިރާތަކަށް ސަމާލުކަން ދީގެން އެކަންކަން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.