ކ.ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ ”ރަސްމާލެ“ މަޝްރޫއުއަށް ބޭރުގެ ކޮންސަލްޓަންޓަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރަނީ އެކޯ ސިޓީއެއް ގޮތަށް ކަމަށްވާތީ، އެމަސައްކަތަށް ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭރުގެ ކޮންސަލްޓަންޓުގެ މަސައްކަތަކީ ރަސްމާލެ އެކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ބޭނުންވާ ދިރާސާތަކާއި ތަހުލީލުތައް ކުރުމެވެ.
”ރަށުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައިވެސް އެތަނަކީ އެންވަޔަރަމަންޓް ފްރެންޑްލީ ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ.“ ޑރ. ހައިދަރު ވިދާޅުވިއެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އެވެ.
އެ ތަން ހިއްކުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ފުށިދިއްގަރު ފަޅުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ރަސްމާލެ ސިޓީ ތަރައްގީ ކުރަނީ ސޭފް އައިލެންޑް ކޮންސެޕްޓަށެވެ.