ރޯދަ މަހަށް ކާބޯތަކެތީގެ އަގު އިތުރަށް ހެޔޮ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހުން ގެނެސްދޭ ”ރައީސްގެ ޖަވާބު“ގައި، ރޯދައަށް ކާބޯތަކެތީގެ އަގު ހެޔޮ ވާނެތޯ ސުވާލު ކުރުމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ކާބޯތަކެތީގެ އަގު ހެޔޮކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެއް ކަމަށާއި، ކުރިއަށް ރޯދަ މަސް އޮތުމާ އެކު އެންމެ އަސާސީ ހުރިހާ ބާވަތެއްގެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ރާއްޖެ ގެނެސް، އެ ތަކެތި އަގު ހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަކެތީގެ އަގު އިތުރަށް ހެޔޮކުރެވޭތޯ ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

”މިހާރު ވެސް އަގު ހެޔޮކޮށް ވިއްކަން ފަށާފައި ވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ދުރު ރާސްތާ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމުކޮށް، ފުޑް ސެކިއުރިޓީ ކަށަވަރުކުރުން ކަމަށެވެ.

އޭރުން ކާބޯތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.