މިހާރު ކުރެވެމުންދާ ގާނޫނީ މަސައްކަތް ނިމުމުން ވާނުވާ ބަންދުގައި މީހުން ތިބެން ޖެހޭ މައްސަލައަށް ހައްލު އަންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަކީ ރައީސް މުއިއްޒުގެ ވަރަށް މުހިންމު ރިޔާސީ ވައުދުފުޅެކެވެ.

އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވީ، ރައީސް އޮފީހުން ކުރިޔަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި އާންމުންގެ ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މ.މުލަކު، އޯޝަންލެޑް، ނަޝީދާ ހަސަން ކުރި ސުވާލަކީ ޝަރީއަތް ނިމެންދެންކުރާ ބަންދު ނުވަތަ ”ވާނުވާ“ އަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ވަޢުދު ފުއްދަވާނީ ކޮންއިރަކުންތޯއެވެ.

މި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ”ވާނުވާ“ގެ މައްސަލައަށް ހައްލު ގެނައުމަށްޓަކާ ގާނޫނު އިސްލާހު ކުރެވެމުންދާ ކަމަށެވެ.

އަދި އެ އިސްލާހުތައް ގާނޫނަށް ގެނެވުމުން، ތަހުގީގީ މަރުހަލާތައްވެސް އިތުރަށް ފުރިހަމަ ވެގެން ދާނެ ކަމަށް ރައީީސް ވިދާޅުވިއެވެ.

”މިހާރު އެކަމާއި ގުޅޭގޮތުން އިސްލާހުތަކެއް ގާނޫނަށް ގެނައުމަށް. މިކަހަލަ ލީގަލް މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އެހެންވީމަ އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް ތިމައްސަލައަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މިގެންދަނީ. އަދު ތަހުގީގު މަރުހަލާގެ ކަންތައްތައްވެސް މިހާރަށްވުރެ ރަގަޅު ކުރުމަށްޓަކާ މަސައްކަތްތަކެއް އެބަކުރެވޭ.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މިފަދަ ކަންކަން ހައްލު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.