އަރިދަފުސް ރޯގާ އާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށް، ކުރެވިދާނެ ކަންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހިއްސާކޮށްފިއެވެ.
އެ އެޖެންސީން ވަނީ، އަރިދަފުސް ރޯގާއާއި ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް މިދުވަސްވަރު އިތުރުވަމުން އަންނާތީ، ގިނަ ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް، ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުން ނުދިއުމަށް އިލްތިމާސްކޮށްފައެވެ.
ބަލި މީހުންނަށް ޒިޔާރަތް ކުރުމުގެ ތެރޭގައި ވެސް، ކުޑަކުދިންނާއިއެލު ނުދިޔުމަށާއި، ހުން އައިސް ރޯގާގެ އަލާމާތްތައް ހުންނަ ނަމަ ސްކޫލަށް ނުފޮނުވުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރައްކާތެރިވުމުގެ ފިޔަވަޅުގެ ގޮތުން، އަރިދަފުސް ރޯގާ ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު، ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާހެން މާސްކް އެޅުމަށާއި އަތް ދޮންނަން ޖެހޭ ހާލަތްތަކުގައި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިކަމާ! pic.twitter.com/8DPtxPoxH2
— Health Protection Agency (@HPA_MV) March 18, 2024
މިދުވަސްވަރު ގައިން އަރާ ބަލިތައް އިތުރުވެފައިވާއިރު، މިދިޔަ ހަފްތާގައި ވައިރަލް ހުމާއި، ބޭރަށް ހިންގުމާއި ރޯގާގެ ކޭސްތައް ވެސް އޭގެ ކުރީގެ ހަފްތާއާއި އަޅާބަލާއިރު އިތުރެވެ.