ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވަގުތީ ގޮތުން ސަސްޕެންޑް ކުރިއިރު، ޕީސީބީން ފާހަގަކުރި އެއްވެސް ކަމަކާ ގުޅޭގޮތުން އޭނާއާ ސުވާލު ނުކުރާކަމާއި، ޖަވާބުދާރީވާާން ފުރުސަތު ނުދޭ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

Ads by Asuru

ަޝަމާހުއަށް އެޑްރެސްކޮށް ޕީސީބީ އިން ފޮނުވި ސިޓީއެއްގައި، ކޯޕަރޭޓް ގަވަނަންސްގެ ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް މިފްކޯއިން 12 ކަމެއް ކޮށްފައި ވާކަން ފާހަގަކުރިއެވެ.

14 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރިކަން އަންގައި ޕީސީބީން ޝަމާހަށް ފޮނުވި ސިޓީގައިވާގޮތުން އޭނާގެ މައްޗަށް އެ ބޯޑުން އަންނަނީ، ކުރިން ހުށަހެޅި 12 މައްސަލައާ ގުޅޭ އެންކުއަރީއެއް ހިންގުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޝަމާހު އެ މުއްދަތަށް ސަސްޕެންޑް ކުރީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި، ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ ށ ގެ 1 ވަނަ ނަންބަރުގައިވާ ހާލަތަށް ރިއާޔަތް ކުރުމަށްފަހުގައިކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެކަމަކު ޝަމާހުގެ މައްޗަށް ޕީސީބީން ފާހަގަކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ޕީސީބީން އޭނާ އާ އެއްވެސް ސުވާލެއް ކޮށްފައި ނުވެއެވެ.

އަދި ވަކި ކަންތައްތަކެއް ފާހަގަކޮށް، އެކަންކަން ނުކުރުމަށް އެންގުމަށްފަހު، އަނެއްކާވެސް ކުއްލިގޮތަކަށް އެ މައްސަލަ އަލުން ނެގުމަށްފަހު، އެ ކަންކަމާ ގުޅޭ އިންކުއަރީއެއް ހަދަން ޖެހުނު ސަބަބެއްވެސް ޕީސީބީން ސާފުކޮށްދީފައެއް ނުވެއެވެ.

އެނގިފައިވާގޮތުގައި މިފްކޯ ވަގުތީގޮތުން ހިންގުމާ ހަވާލުވުމަށް ޕީސީބީން އަންގާފައިވަނީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އެގްޒެކެޓިވް (ސީއެފްއޯ) އިލްޔާސް ހަނީފަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝަމާހު ސަސްޕެންޑް ކުރިކަން ލިޔުމުން އެންގިތާ ގިނައިރުތަކެއް ނުވަނީސް ޕީސީބީގެ މެންބަރުން ވަނީ މިފްކޯގެ ސީއީއޯ ބިއުރޯއަށް ކުއްލިގޮތަކަށް ވަދެގަނެ ބިއުރޯގެ މީޓިން ރޫމް ހިސޯރު ކޮށްފައެވެ.

ޝަމާހުއާ ދެކޮޅަށް ބަޣާވާތެއް ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ކުރިން ރިޕޯޓު ކުރި ފަރާތެއް ކަމުގައިވާ ޝަފްނާ މޫސާ ވެސް އެތަނަށް ވަތް ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހުން ކުއްލިގޮތަކަށް ބިއުރޯއަށް ވަދެގަތީ ކުރިން އެންގުމަކާ ނުލާ ކަމަށް މިފްކޯގެ މުވައްޒަފަކު ވަނީ ބުނެފައެވެ.

އަދި ސީއީއޯއަށް އެންމެ ކުޑަމިނުން ޖަވާބުދާރީވާން ވެސް ފުރުސަތު ނުދޭ ކަމަށާއި، ހީވީ ބަޔަކު އަރަގަތްހެން ކަމަށް އޭނާ ބުންޏެވެ.

”ޝަފްނާ ބޭނުންވާ ވައްކަން ނުކުރެވުމުން ޕީސީބީގަ އުޅޭނެ މިތާ މުވައްޒަފެއްގެ އަތްނބަކު. އޭނަ ލައްވައި ޝަފްނާ ކުރުވިކަމެއް މިއީ.“ އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ޕީސީބީގެ އިސްވެރިޔަކު ވިދާޅުވީ އެއީ ބޯޑުގެ ނިންމުމެއް ކަމުގައެވެ. އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމުގެ ތުހުމަތު ޕީސީބީއަށް އަމާޒުވެފައި އޮތްކަމަށް ކުންފުނީގެ ގިނަ ބަޔަކު ގަބޫލުކުރާ މި މައްސަލަައިގައި އެންމެ ބޮޑު ތުހުމަތެއް މުވައްޒަފުން ކުރަނީވެސް ޝަފްނާއަށެވެ. ޝަފްނާ އަކީ ކުރީގެ ވެރިކަމުގައި ނުފޫޒުގެ ބޭނުންކޮށްގެން އެކުންފުނީގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމަށް އައި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޕީސީބީން މިއަދު ޝަފްނާ އާއެކު ބޭއްވި ބައްދަލުވުން ވަކިގޮތަކަށް ނުނިމި، އެ މައްސަލައިގެ އިތުރު ބައްދަލުވުމެއް މާދަމާ ވެސް އެ ކުންފުނީގެ ސީއީއޯ ބިއުރޯތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އޭނާގެ ފަރާތުން އަހުލާގީ މައްސަލަތަކެއް ފާހަގަވެފައިވާއިރު، ކުންފުނީގެ ގާބިލު މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުން ފަދަ ކަންކަމާ ގުޅިގެން ޝަމާހު ވަނީ މީގެ ކުރިން ޝަފްނާގެ ޑިޕާޓުމެންޓް ވެސް ބަދަލުކޮށްފައެވެ.