ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން،  ފޭސް2 ގައި އުޅޭ އަންހެން ބޭފުޅަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. އޭނާގެ ސުވާލުގައި، އެ ސަރަހައްދުގައި އުޅޭތާ ދެ އަހަރު ވެގެންދިޔައިރު، ކަނބަލުންނަށް އަދިވެސް ކުޅިވަރު ކުޅެވޭނެ ވަސީލަތެއް ގާއިމުވެފައި ނެތްކަން ފާހަގަކުރިއެވެ.

މި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެކަން ފެށިގެންދާނެ ކަމަށެވެ.

”އަޅުގަނޑުމެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް، އެއީ ކުޅިވަރު ކުޅޭ ކޯޓުތަކާ ޕާކުތަކާ، ހިތްފަސޭހަ މައިޒާންތައް ހެދުމުގެ މަސައްކަތް ކުރަން ނިންމާފައި އޮތީ. އިރާދަކުރެއްވިއްޔާ، ހިޔާ ސަރަހައްދަކީ އެންމެ ގިނަ ރައްޔިތުން އެއް ދިމާލެއްގަ އުޅޭ ސަރަހައްދަށް ވީމަ، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް، އަދި އެހެންވެސް ފަރާތްތަކާ ގުޅިގެން އެކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމު ކުރާނަން.“ ރައީސް ވިދާޅުވިއެވެ.

މި މަސައްކަތުގެ ދަށުން، އެ ސަރަހައްދުގައި ކަނބަލުންނަށް ހާއްސަ ވޮލީ ކޯޓުތައް ފަދަ ކޯޓުތައް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޖަވާބު ސިލްސިލާގެ އިއްޔެ ގެނެސްދިން ސެގްމެންޓުގައި ރައީސް ވަނީ ހިޔާގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު އިތުރު ކުރުމުގެ މަސައްކަތް އަންނަ މަހުގައި ފައްޓަވާނެކަން ހާމަކުރައްވާފައެވެ.