”މޯލްޑިވްސް ޒަކާތު ހައުސް“އިން މިދިޔަ ފެބްރުއަރީ މަހު ނިކަމެތިންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަތްލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

Ads by Asuru

ޒަކާތު ހައުސްއިން ނެރުނު ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 829،948 ރުފިޔާއެވެ.

އެ މުއްދަތުގައި އެހީއަށް އެދުނު 69 މީހަކަށް އެހީވިއެވެ. އެގޮތުން އެހީގެ ގޮތުގައި 740،805 ރުފިޔާ ހޭދަކޮށްފައިވެއެވެ.

ޒަކާތު ހައުސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިދިޔަ މަހު 192،432 ރުފިޔާ ހޭދަކޮށްފައިވާއިރު، ދީނީ އެކި ޕްރޮޕްރާމުތައް ހިންގުމަށް 374،950 ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފާއިތުވީ ފެބްރުއަރީ މަހު ޒަރޫރީ އެހީއަށް އެދި 69 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.

ބޭސްފަރުވާގެ އެހީއަށް ބަލާލާއިރު 29.4 ޕަސެންޓު ހަރަދުކޮށްފައިވަނީ ކެންސަރު ބަލީގެ ފަރުވާތަކަށެވެ.

އަދި ދެ އިންސައްތަ ހިތުގެ އޮޕަރޭޝަންތަކަށް ދޫކޮށްފައިވާއިރު 9.2 ޕަސެންޓް ދޫކުރެވުނީ ޓްރާންސްޕްލާންޓު ތަކަށެވެ.

ސިކުނޑީގެ އޮޕަރޭޝަންތަކަށް ދެ ޕަސެންޓު ހޭދަކުރިއިރު އެންމެ ބޮޑު ހޭދައެއް ކުރީ ދިޔައީ އެހެނިހެން ބަލިތަކަށެވެ.

ބޭސްފަރުވާއަށް ހަރަދުކުރި ހަތް ލައްކަ ރުފިޔާގެ 57.4 ޕަސެންޓު ހޭދަކުރީ އެހެނިހެން ބަލިތަކުގެ ފަރުވާ ބޭނުންވެގެން ހުށަހެޅި ފަރާތްތަކަށެވެ.