މާލެއާއި ވިލިމާލެ، ގުޅީފަޅާއި ތިލަފުށި ގުޅުވާލައި އަޅާ ބްރިޖުގެ 35 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

Ads by Asuru

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވީ މަސައްކަތް ކުރިއަށް ދަނީ ތާވަލަށްވުރެ 1.11 އިންސައްތަ އަވަހަށް ކަމަށެވެ.

“މި ވަގުތު އަޅުގަނޑުމެންގެ އެންމެ ބޮޑު މަސައްކަތަކީ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން، ހަމައެއާއެކު ކޮންޓްރެކްޓާއަށް ކޮމްފޮޓަބަލްވާ ހިސާބުން މަސައްކަތް ކުރިއަށް ގެންދުވުނީމަ މަޝްވަރާކުރަން ފަށާނަން ކިހާ އަވަހަކަށްތޯ ނިންމާލެވޭނީ“ ތިލަމާލެ ބްރިޖުގެ އަޕްޑޭޓްތައް ހާމަކުރައްވަމުން ވިދާޅުވިއެވެ.

ބްރިޖުގެ ޕައިލިން މަސައްކަތުގެ 54.4 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޕްއިލް ކެޕްގެ 43 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މުޅި މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުކުރީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

ބްރިޖު މަޝްރޫއުގެ ތާވަލުގައިވާ ގޮތުން، މާލެއިން ގުޅީފަޅަށް ބްރިޖު ގުޅުވާލަން ޖެހެނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅުވާލަން ޖެހޭނީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހާ ހަމައަށެވެ.