ހަތްދިހަ ހަތް ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ކަމަށް ކޮންސްރަކްޝަން އެންޑް އިންފްރާސްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއެއް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި ކަމަށެވެ.

މިނިސްޓަރު ވަނީ ގާތްގަޑަކަށް 100 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެކުއެކީގައި ނުލިބި ހުރި ކަމަށް ވެސް ވިދާޅުވެފައެވެ.

”ބައެއް ރަށްރަށުގައި ފެނުގެ ހިދުމަތް ބައެއް ރަށްރަށުގައި ނަރުދަމާގެ ހިދުމަތް އަނެއް ބައި ރަށަތަކުގައި ދެ ހިދުމަތް އެކީ. އޭގެތެރެއިން 4 ރަށެއްގެ މަސައްކަތް މިހާރުވަނީ ފެށިފައި. ޖުމުލަ 77 ރަށެއްގެ މަސައްކަތް ކުރިޔަށް އެބަދޭ،“ މުއްތަލިބު ވިދާޅުވިއެވެ.

ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ޖުމުލް 177 މަޝްރޫއުއެއް ކޮންޓްރެކްޓްކޮށް 97 ރަށެއްގެ އަމަލީ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެތެރެއިން 30 މަޝްރޫއުއެއް ވަނީ ހުއްޓިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރެއިން 23 މަޝްރޫއުގެ މަސައްކަތް ވަނީ އަލުން ފެށިފައި.“ މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ބަޖެޓުގައި ހިމެނިފައިވާ ޑިޒައިން މަސައްކަތާއި، ސާވޭ މަސައްކަތް ކުރިއަށްދާ ކަމަށެވެ.