ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ދެ އަހަރު ދުވަހުގެ މުއްދަތަށް ގުޅިގެން މަސައްކަތް ކުރުމަށް އެންވާރަމަންޓް މިނިސްޓްރީން ޗައިނާ ޓިޔަންޔިން އިންކް (ސީއެންޓީވައި) އާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއި ކޮށްފިއެވެ.

Ads by Asuru

މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ޗައިނާ ޓިޔަންޔިން އިންކްގެ ރައީސް ކާއޮ ޑެބިއާއޮއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތް ކުރުމުގެ އިތުރުން ލޯ ކާބަން އާބަން ޑިވެލޮޕްމަންޓްގެ ދާއިރާ އިން ސީއެންޓީވައި އިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ގައުމީ ތަރައްގީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ހައްސާސް މަޝްރޫއެއް ކަމަށެވެ.

އެ ކުންފުންޏަކީ މިހާރުވެސް ރާއްޖޭގައި މިފަދަ މަޝްރޫއުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށް މިނިސްޓަރު ފާހަގަކުރެެއްވިއެވެ.

ސީއެންޓީވައިގެ ރައީސް ކާއޮ ޑެބިއާއޮ ވަނީ ޗައިނާ އާއި ރާއްޖެއާއެކު މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ފަހުމުނާމާގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތް ކުރުމުގެ އިތުރުން ލޯ ކާބަން އާބަން ޑިވެލޮޕްމަންޓްގެ ދާއިރާތަކަށް ފަހުމުނާމާގެ ބައިވެރިން އެކީ މަސައްކަތްކުރުމަށް ވަނީ ނިންމާފައިވެއެވެ.

މީގެ އިތުރުން މި ފަހުމުނާމާގައި ސީއެންޓީވައި އިން، އެ ކުންފުނީގެ ސިނާއީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ނިންމާފައި ވެއެވެ. އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނާޖީ މަޝްރޫއުގެ ފޭސް 1 އަދި 2 އަށް އެ ކުންފުނީގެ ފަރާތުން ސްޓޭކް ހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރެވިގެން ދާނެއެވެ.

މި ފަހުމުނާމާގައި، ތިމާވެށީގެ ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމާ ގުޅުން ހުރި ކަންކަން ރޭވުމަށް ނިންމާފައިވާ އިރު، މީހުން ތަމްރީން ކުރުމާއި، ވޯކްސޮޕް، ސެމިނާ އަދި އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓާންޝިޕް ފުރުސަތުތައް ހުޅުވާލުމަށް ނިންމާފައި ވެއެވެ.