1445 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުން އަންނަ މަހުގެ އަށެއްވާ ހޯމަ ދުވަހުގެރޭ އޮންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ހާމަކޮށްފިއެވެ.

Ads by Asuru

ޑީޖޭއޭ އިން ބުނީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން އޮންނާނެ ކަމަށެވެ.

އެގޮތުން ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.

ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ހަނދު ފެނުނު ވަގުތު ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި އެ ނޫން ވެސް އެފަދަ މުހިންމު މައުލޫމާތު ދޭން ޖެހެއެވެ.

ޑީޖޭއޭ އިން ބުނީ ޝައްވާލު މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އޭޕްރީލް އަށެއްވާ ހޯމަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއާ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އަދި ބޭރު ގައުމަކަށް ހަނދު ފެނިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރާނީ ފޮރިން މިނިސްޓްރީއަށް ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.