މ.ރަތްމަންދޫ އާއި އެހެން ރަށްތަކުގައި ކުރިން ފެށި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކައަށް ވަޒީރުން ރައްދު ދެއްވައިފިއެވެ.

Ads by Asuru

ޝާހިދު އެކްސްގައި ވިދާޅުވީ، ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، ހިނގަމުން ދިޔަ ހުރިހާ މަޝްރޫއުއެއް މި ސަރުކާރުން ހުއްޓާލައިފި ކަމަށާއި، ރަތްމަންދޫގެ ވެސް ހުރިހާ ޕްރޮޖެކްޓެއް ވަނީ ހުއްޓާލާފައި ކަމަށެވެ.

މި ޕޯސްޓާއިއެކުގައި ޝާހިދު ވީޑިއޯ އެއް ވެސް ހިއްސާ ކުރެއްވިއެވެ. އެ ވީޑިއޯގައި ވިދާޅުވީ، ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 90 ‏އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

”އިންޖީނު ގޭގެ މަސައްކަތް، ގާތްގަނޑަކަށް ނިމިފަ. އެ ނޫންވެސް އެކި މަސައްކަތްތައް އެކި މަރުހަލާތަކުގައި އެބަހުރި.“ އޭނާ ވިދާޅުވިއެވެ.

‏ޝާހިދުގެ ޕޯސްޓު ރީޓްވީޓު ކުރައްވައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަތްމަންދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށެވެ.

”ސޮއި ކުރިތާ ދެ އަހަރުވީއިރު ކުރެވިފައިވަނީ އެންމެ %26 މަސައްކަތް. ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ގާބިިލުކަން ނެތީސް، އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް އެކުންފުންޏާ ހަވާލު ކުރުމަކީ އެ ރަށްތަކުގެ ރައްޔިތުންނަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބުގެ އިތުރުން، އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ޝާހިދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު އައި އިރު ކިތައްމެ މަޝްރޫޢެއް އޮތީ ހުއްޓިފައި ކަމަށާއި، އެކަންކަން އަލުން ފައްޓަވައި ބިުތައް ވެެސް ދައްކަވައި މަޝްރޫއުތައް އެދަނީ ކުރިއަށް ކަމަށެވެ.

”ބައެެއް ތަންތަން ނިމިއްޖެ، އަނެއްބައި ތަންތަން އެދަނީ ނިމެމުން.“ ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރު ވެސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދަށް ރައްދު ދެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ރ.އަލިފުށީގެ އެއާޕޯޓު މަސައްކަތް ހުއްޓުނީ އެމްޑީޕީގެ ވެރިކަމުގައިކަން ޝާހިދު ހަނދުމަފުޅު ނެތުމަކިީ ދެރަ ކަމެއް ކަމަށެވެ.

”ހުޅުދުއްފާރުގެ މަގުތަކުގައި ފަސްބާޑިޖަހާ، މުޅި ރަށް ހަރާބު ކޮށްލީ މަނިކުފާނުގެ ޕާޓީން.“ މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު އާދަމް ޝަރީފު ލިޔުއްވާފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން، ހުއްޓިފައިވާ މަސައްކަތްތައް އަލުން ފެއްޓޭނެ ގޮތް ހޯއްދަވަމުން އަންނަ ކަަމަށާއި، ސަރުކާރުން ރަށްރަށުގެ ހާލަތު ވަރަށް ގާތުން ބަލައި، ކަންކަން އަވަހަށް ފެށުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މި ސަރުކާރުން ނަތީޖާ ދައްކާނެ ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.