ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާާތްތަކުގެ ތެރެއިން، އިން ވަކިކޮށް، ގޯތި ދެވިފައި ނުވާ ފަރާާތްތަކަށް، އިން ވަކިކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ޕްލޮޓްތަކުގެ ތެރެއިން ހަވާލު ނުކުރެވި ހުރި ޕްލޮޓުތައް ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތް ކުރަމުން އަންނައިރު، މި މަސައްކަތުގެ ތެރެއިން ބިން ހަވާލުކޮށްފައިވާ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

”ބިންވެރިޔާ“ ގޯތިތަކުގެ އިން ވަކި ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރު ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ގޯތި ލިބުނު ފަރާތްތަކަށް ބިންތައް ކުރިން ވެސް ދޫކުރަމުންދާ ކަމަށާއި، ނަމަވެސް ކުރިން ތިން މަރުހަލާއަކަށް ބަހާލައިގެން ކުރަމުން އައި މަސައްކަތް ހަލުވިކޮށް އެއް މަރުހަލާއަކަށް، މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ގޯތީގެ އިން ވަކިކޮށް، ގާ އަތުރާފައި ދިނުމުން، ޕޯޓަލް މެދުވެރިކޮށް ލިބޭ އެޕްލިކޭޝަނެއް މެދުވެރިކޮށް ދޭ ހުއްދައާއިއެކު ބިން ލިބުނު ފަރާތްތަކަށް އިމާރާާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ގޯތި ދޫކުރާ ސަރަހައްދެއް: ފޮޓޯ/ އަސުރު އޮންލައިން

”ކުރިން ވެއްޖިއްޔާ، ޕޯޓަލް އަށް އައިސް ފުރައިގެން، ހުއްދަ ދޭން އަޅުގަނޑުމެންގެ ޓީމެއް އެބަ އަންނަންޖެހޭ، ތިން މަރުހަލާއެއް އެބަ ކަޑައްތު ކުރަންޖެހޭ.“ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މި މަސައްކަތުގެ ދަށުން އިމާރާތް ކުރުމަށް މިހާތަނަށް އަށް ފަރާތަކަށް ހުއްދަ ވެސް ދެވިފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ، މަސައްކަތުގެ ވައްޓަފާޅި ބަދަލު ކުރުމަކީ ކަންކަން އަވަސް ކުރެވޭ ކަމެއް ކަމަށާއި، ބޭނުންވަނީ ބިން ލިބުނު ފަރާތްތަކަށް އަވަހަށް މަސައްކަތް ފެށޭނެ ގޮތްވުން ކަމުގައެވެ.

”އަޅުގަނޑުމެންގެ ފަރާތުން، އެޗްޑީސީގެ ފަރާތުން ކޮންޓްރޯލްއެއް ނުކުރެއޭ އެއްވެސް ކަމެއް، ހަމަ ހުއްދަ އިޝޫ ކުރަމުންނޭ މި ގެންދަނީ.“ފަޒުލް ވިދާޅުވިއެވެ.

”އެހެންވީމަ، މިއަދު އަޅުގަނޑުމެން މި ފެއްޓި މަސައްކަތަކީ އަވަސްކޮށްދިނުން. ބިންވެރިޔާއަށް، އަވަސްކޮށްދިނީ މި، ކުރިން ތިން މަރުހަލާއަކަށް ކުރަމުން އައި ކަމެއް، އެއް މަރުހަލާއަށް ބަދަލުކޮށްދިނީ އަޅުގަނޑުމެން.“

ގޯތި ދޫކުރާ ސަރަހައްދެއް: ފޮޓޯ/ އަސުރު އޮންލައިން

ފަޒުލް އިތުރަށް ވިދާޅުވީ، ގޯތިތައް ދިނުމަށް އަދި ހިއްކަން ޖެހޭ ސަރަހައްދުތަކެއް ވެސް ހުރިއިރު، އެ ސަރަހައްދުތައް ހިއްކަން ޖެހޭ ކަމަށާއި، މިހާރު ކުރެވެމުންދަނީ ފެނާއި ކަރަންޓު ވިޔުގައާއި ނެޓްވޯކްތަކަށް ވާގޮތަށް ގޯތިތަކެއް ދީފައިވާތީ، އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކަމަށެވެ.

ފަޒުލް އިތުރަށް ވިދާޅުވީ، ގޯތިތައް ހުރި ތަނަކުން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެ ވައުދާއި އެއްގޮތަށް، ގޯތިތައް ދޫކުރެވިގެންދާނެ ކަމަށެވެ.

 

 

ި