ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބަންޖެހޭ ގޮތަށް މި ސަރުކާރުން އެއްވެސް ސިޔާސަތެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

”ރައީސްގެ ޖަވާބު“ ސިލްސިލާގެ މިއަދުގެ ސެގްމެންޓުގައި، ރައީީސް މިހެން ވިދާޅުވީ، ރާއްޖޭގައި އަލަށް ބޭނުން ކުރަން ފެށި އަސްކަރީ ޑްރޯންތައް ދުއްވާނީ ދިވެހީންތޯ ނުވަތަ ބޭރުގެ ސިފައިންގެ އެހީ މިކަމުގައި ހޯދައިގެންތޯ މީހަކު ސުވާލު ކުރުމުންނެވެ.

އެމްއެންޑީއެފް އެއާކޯގެ ހިދުމަތް ތައާރަފު ކުރެވި، އޭގެ ދަށުން ގެނައި ޔޫއޭވީތައް ދުއްވަން ބޭރުގެ ސިފައިން ނުތިބޭނެ ކަމަށް، ޖަވާބުގައި ރައީީސް ވިދާޅުވިއެވެ.

”ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް، އެކަމުގައި އެހީތެރިވާކަށް ރާއްޖެއަކު ނުތިބޭނެ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޔޫއޭވީ އޮޕަރޭޓު ކުރަނީ، އެކަމަށްޓަކައި ތުރުކީން ތަމްރީނު ހޯދި ދިވެހި ސިފައިން ކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު ބެޗުތައް އެ ގައުމުން ތަމްރީނު ވެގެން އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ވެސް ސިފައިންގެ ބަޔަކު ޑްރޯން ދުއްވުމުގެ ތަމްރީނު ހަދަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަލަށް ވައިގެ ސިފައިންގެ ހިދުމަތް ތައާރަފުކޮށް، އަސްކަރީ ޑްރޯން ބޭނުންކޮށްގެން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު، 24 ގަޑިއިރު ބަލަހައްޓަން ފަށާފައިވާއިރު، މިއީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއްގެ ގޮތުގައި، ސަރުކާރުގެ އިސް ބޭފުޅުން ސިފަ ކުރައްވައެވެ.

ރާއްޖެ ގެނެސްގެން ބޭނުން ކުރަނީ ”ބައިރަކްތާރު ޓީބީ2″ގެ ތިން ޑްރޯންއެވެ.

ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ ފުލީ އޮޓޮމޭޓަޑް މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. މި ޑްރޯން އަކީ 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަން ދީފައިވާ ޑްރޯން އެކެވެ.

ބައިކާރުން ދުނިޔޭގެ ބޭރުގެ ގިނަ ގައުމުތަކަށް ސަޕްލައިކޮށްފައިވާ ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ވެސް ވަނީ ގާއިމުކޮށްފައެވެ. މިގޮތުން، މި ޑްރޯންގެ ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯއެވެ.