މާލެއާއި، ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ ”އިންޓަރކަނެކްޝަން“ ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިޝްތިހާރު ބޯޑުތައް ބަހައްޓާ ގެއްލުންދެމުން ދާތީ އެކަން ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

ސްޓެލްކޯ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުން ހަރަދުކޮށް ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ކަރަންޓު ގެންދިޔުމުގެ ގާބިލުކަން ލިބިފައިވާ ވިއުގައެއް ކަމަށެވެ.

އަދި މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގަކަންވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132kV ސަބްސްޓޭޝަނުން ނިކުންނަ މި ވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ މާލޭ އުސްފަސްގަނޑު ސަރަހައްދުން ފެށިގެން ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާޅޭ އިންޖީނުގޭގައި ޤާއިމްކޮށްފައިވާ 132kV ސަބްސްޓޭޝަނާ ހަމައަށެވެ.

ސްޓެލްކޯ އިން ބުނީ، މާލެއަށް މިވަގުތު ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއް ވެސް ހުޅުމާލެއިން މާލެއަށް ފޯރުކޮށްދެމުންދަނީ މި ވިއުގަ މެދުވެރިކޮށް ކަމަށް ވާތީ، އެ ވިއުގައަށް ގެއްލުން ވެއްޖެނަމަ، މަރާމާތު ކުރަން ގިނަ ވަގުތު ތަކެއް ހޭދަވެ، އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެކަމަށެވެ.

އަދި، މާލެ ސަރަހައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތަށް ބުރޫ އެރުމަކީ ވެސް އެކަށީގެންވާކަމެއްކަން އެކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށް ވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެކަމަށް ސްޓެލްކޯގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.