2021 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވީ، ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ، މި ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅޭގޮތުން، ނަޝީދުގެ އަރިސް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުވާލު ކުރެއްވުމުންނެވެ. ނަޝީދަށް ދިން ހަމަލާއަށް ތިން އަހަރުވީއިރު، މައްސަލަ ކޮޅެއްގައި ނުޖެހި، ނުވާ ކަމެއްގެ ގޮތުގައި ނިމިގެންދާ ކަމަށް ވިދާޅުވެ އިމްތިޔާޒު ކަންބޮޑުވުންފާޅު ކުރެއްވިއެވެ.

އިމްތިޔާޒަށް ޖަވާބު ދެއްވަމުން ޣައްސާން ވަނީ، މި ކޭސްގެ އާ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ި”އަޅުގަނޑަށް މިހާރު ފެނިފަ ހުރި ކަންތައްތަކުގަ ބައެއް މައުލޫމާތު މި މަޖިލީހަށް، ހަގީގަތުގައި އިތުރަށް ހިއްސާ ކުރަން، (މައުލޫމާތު) ދިފާއީ ވުޒާރާގައި އެބަހުރި. އެހެންނަމަވެސް، އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ، ތި ބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ.“ ޣައްސާން ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ވިދާޅުވީ، ސަލާމަތީ ބާރުތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ އެންމެންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވީކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.

އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދަނީ ދައުވާކުރަމުންނެވެ.