ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފިކުރަކީ ވަކި މީހެއްގެ ފިކުރެއް ނޫން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Asuru

އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށާއި އެއީ ގައުމިއްޔަތުގެ ފިކުރެއް ކަމަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ދެމެދު ނުތަވަނަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރަކަށް މީގެ ކުރިން ހުންނެވިއިރު، އެމަނިކުފާނު ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވަނީ އެޕާޓީގެ ލީޑަރޝިޕުން އެމަނިކުފާނު އެއްފަރާތްކޮށްފައިވާކަމަށް ބުނެއެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގެންނެވުމަށްފަހު ޔާމީން މިހާރު ގެންދަވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ފިކުރު އަބަދުވެސް އޮންނާނީ ޤައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއްގެ އަތް މަތީގައި ކަމަށެވެ. އަދި މިއަދު އެ ފިކުރު އޮތީ ޕީޕީއެމް/ޕީއެންސީގައި ކަމަށާއި، އެ ފިކުރުގެ މިހާރުގެ ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.