ކެންސަރު ބަލިގެ ޕޭޝަންޓުން ރާއްޖޭގައި އިތުރުވަމުން އަންނަނާތީ ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރ ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރައްވާ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްގަނީ އަބްދުލް ހަކީމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. އަބްދުލްގަނީ ސުވާލުކުރައްވާފައިވަނީ ރާއްޖޭގައި ބޮޑެތި ބަލިތައް ފެތުރެމުން އަންނަތާ ޒަމާންތަކެއް ވެފައިވާއިރު، އެކަމަށްޓަކައި ގައުމީ ފެންވަރުގައި ރިސާޗެއް ހެދުމުގެ މަސައްކަތް ކުރުމާ ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހެލްތު ބާޑަންގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށާއި ނޮން ކޮމިއުނިކަބަލް ޑިޒީސަސް ރާއްޖޭގައި ފެތުރިގެން މިދަނީ ކޮން ކަމަކާ ގުޅިގެންތޯ ދިރާސާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އަދި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)އާ ގުޅިގެން ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ ތެރެއިންވެސް ކެންސަރު ބައްޔަކީ މުޅި ރާއްޖޭގައިވެސް އާދަޔާ ހިލާފަށް ގިނައިން ފެތުރެމުން އަންނަ ބައްޔެންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ބައެއް ރަށްތަކުގެ ބޮޑު އާބާދީއެއްވެސް ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކެންސަރު ބަލިތައް އިތުރުވަމުން އަންނަ ސަބަބު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުން ވަރަށް މުހިންމު ކަމަށެވެ.

ކުރީ ސަރުކާރުން ވަނީ އިންޑިއާގެ އެހީގައި ލ.ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ. ދައުރު ހަމަވިއިރުވެސް އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިފައިނުވާއިރު، މި ސަރުކާރުން ވަނީ ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރުމަށްފަހު، ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ.

މާލޭގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަނީ އައިޖީއެމްއެޗްގެ މުވައްޒަފުންގެ ޕާކިން އޭރިއާއާއި އެ ތަނާ ޖެހިގެން އޮންނަ ޕާކިން ޒޯންގެ އިރަށް އޮންނަ ހުސް ބިމުގައި ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް  ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވަނީ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި ހޮސްޕިޓަލް ނިމިގެންދާއިރު ރާއްޖޭގައި ކެންސަރު ބަލީގެ ވަށާ ޖެހޭ ހިދުމަތްތައް ގާއިމްކުރާނެ ކަމަށެވެ.

ރާއްޖޭގައިވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނަށްވާއިރު، މީގެތެރެއިން % 17އަކީ ކެންސަރު ބަލީގައި މަރުވާ މީހުންނެވެ.