ޑިފެންސް މިނިސްޓަރު ޣައްސާާން މައުމޫން، ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

Ads by Asuru

241 ކޮމިޓީއަށް ޣައްސާން ހާޒިރުކުރަން ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލައާ ގުޅޭ އިތުރު މައުލޫމާތުތަކެއް މިހާރު ލިބިފައިވާ ކަމަށް ޣައްސާން ވިދާޅުވުމާއި ގުޅިގެންނެވެ.

6 މޭ 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ.

ޣައްސާން އިއްޔެ މަޖިލީހަށް ހާޒިރުކުރުމުން ރައީސް ނަޝީދަށް އިންސާފު ލިބޭނީ ކޮންއިރަކުންތޯ، ނަޝީދާ އަރިސް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސުވާލު ކުރެއްވިއެވެ.

އެ ސުވާލުގެ ޖަވާބުގައި ޣައްސާން ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ވަރަށް ގާތުން ބަލަމުން ގެންދަވާނެ ކަމަށެވެ. އަދި އެ ހަމަލާއާ ގުޅުންހުރި އިތުރު މައުލޫމާތުތަކެއް އެބަހުރި ކަމަށާއި، އެ މައުލޫމާތު މަޖިލީހަށް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މިއަދު ބޭއްވި 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެ މައުލޫމާތު ހޯދަން މިހާރު ވެސް މަޖިލީހުން އެމްއެންޑީއެފަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި އަލަށް ތައާރަފު ކުރި ވައިގެ ސިފައިންގެ ހިދުމަތުގައި ބޭނުން ކުރަން ފެށި އަސްކަރީ ޑްރޯން ގަތުމުގެ މުއާމަލާތާ ގުޅޭ މައުލޫމާތު ވެސް ސާފުކުރުމަށް ޣައްސާން މަޖިލީހަށް ހާޒިރު ކުރަން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.