ފެނާއި ކަރަންޓު ބިލުތަކަށް އަރާފައިވާ ޖޫރިމަނާތައް މާފުވާނީ ބޭނުންކުރި ފެނާއި ކަރަންޓަށް ވާ އަގު ދެއްކުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުން ބުނެފިއެވެ.

Ads by Asuru

މި މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނި ކަރަންޓާއި ފެން ބިލު ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދެއްވުމަށް ނިންމަވާފައެވެ.

އަދި ކަރަންޓާއި ފެން ބިލުގެ އަގަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ދަތިވެފައިވާ ފަރާތްތަކަށް، ބިލުތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަތެއް ހަމަޖައްސަވައިދިނުމަށް ރައީސް ވަނީ ޔުޓިލިޓީ ކުންފުނިތަކަށް އަންގަވާފައެވެ.

ކަރަންޓާއި ފެން ބިލުތައް ނުދެއްކި ގިނަ ދުވަސްވުމުން އަރާފައިވާ ޖޫރިމަނާ މާފުކުރާނެ އުސޫލުތައް ހާމަކުރުމަށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ އަދި ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ނުދެއްކި ހުރި ބިލުތަކުގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވަނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް ކަމަށެވެ.

އެގޮތުން ޖޫރިމަނާ މާފުވެގެން ދާނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތަކަށް ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ޖޫރިމަނާ މާފުވެގެން ދާނީ ކަރަންޓުވެސް ފެންވެސް ބޭނުންކުރުމުން އަރާފައިވާ އަގު ދެއްކެވުމުން ކަމަށެވެ. މަތީން ވިދާޅުވީ ބިލުތަކަށް އަރާފައިވާ އަގު އެއްފަހަރާ ނުވަތަ ބައި ބަޔަށް ބަހާލައިގެންވެސް ދެއްކޭނެ ކަމަށެވެ. އަދި އެގޮތަށް ބިލު ދެއްކުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނިޔަލަށް އޮންނާނެ ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންގެ އަދަދަކީ ގާތްގަނޑަކަށް 70,000 ކަމަށާއި އޭގެ ތެރެއިން 60,000 ކަސްޓަމަރުންނަކީ ޑޮމެސްޓިކް ކަސްޓަމަރުން ކަމަށެވެ.

އެ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން 3,000 ކަސްޓަމަރުންނަކީ ބިލުތައް ނުދެއްކި ގިނަ ދުވަސްވެގެން ޖޫރިމަނާތައް އަރާފައިވާ ކަސްޓަމަރުން ކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ޖޫރިމަނާތަކުގެ އަދަދު ޖުމްލަ 17 މިލިއަނަށް އަރާކަމަށާއި ފެނުގެ ބިލަށް ބަލާއިރު ފެނުގެ ބިލުތަކުގެ އަގު ނުދެއްކިގެން އަރަނީ ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ ކަމަށެވެ. އެގޮތުން މި ޖޫރިމަނާތައް މާފުވެގެންދާއިރު 45 މިލިއަނުގެ އާމްދަނީއެއް ކުންފުންޏަށް ލިބޭނެކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ މިގޮތަށް ޖޫރިމަނާތައް މާފުކުރުމުން އާއްމުންނަށް ވެސް ލުއިވާއިރު، ކުންފުންޏަށްވެސް އޭގެ ފައިދާތަކެއް ކުރާ ކަމަށެވެ. މީގެ ތެރޭގައި ވަރަށް ގިނަ ދުވަސްވީ ބިލުތައްވެސް ހިމެނޭ ކަމަށާއި އެއް އަހަރުވެފައިވާ ބިލުތަކުގެ އަދަދުވެސް ގާތްގަނޑަކަށް 36 މިލިއަނަށް އަރާ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖޫރިމަނާތައް މައާފުކުރާ އުސޫލުތަކާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ހޮޓްލައިން 105 އިން އަދި އެ ކުންފުނީގެ ކައުންޓަރުތަކުން ލިބޭނެ ކަމަށެވެ.