އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު އެމްޑީއެންގެ މެމްބަރުންނަށް ފަސް އަހަރު ވަންދެން، ބޮޑެތި މަގާމުތައް ދިން ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ދިނުމާއިމެދު ވިސްނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ހޮޅުދޫ ދާއިރާ އަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ ކެންޑިޑޭޓު، އަބްދުއްސައްތާރު މުހައްމަދު(ސަޓޯ)ގެ ކެމްޕެއިން ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، އެމްޑީޕީގެ ސަރުކާރަށް އޭރު އާއްމުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އެ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ހުންނެވީ އެމްޑީއެންގެ ޗެއާޕާސަން އައިޝަތު ނޫޝިން ވަހީދެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި، ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި މުހައްމަދު ހަމީދު އަކީ އެމްޑީއެންގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ރައީީސް މިރޭ ވިދާޅުވީ އެ ރިޕޯޓުގެ މައްސަލަ ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ.
”އެ ސަރުކާރުގަ، ކިހިނެއްތޯ ވެގެންދިޔައީ، ހަނދާނުން ކައްސާލައިގެން ނުވާނެ އެމްޑީއެން ރިޕޯޓު ކަންތައް. ކީރިތި ރަސޫލާއަށް، އަދި މާތް ރަސްކަލާނގެއަށް ފުރައްސާރަކޮށް ތައްޔާރު ކުރި ރިޕޯޓެއް، އެ ފަރާތްތައް، އެ ފަސް އަހަރު ނިމިގެން ދިޔައީ، އަޅުގަނޑުމެންގެ ފައިސާއިން މުސާރަ ދީގެން ނޫންތޯ؟“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީއެންގެ ލާދީނީ ޖަމުއިއްޔާ އުވާލަން ރައްޔިތުން ޕްރެޝަރ ކުރުމުން، އެކަން ވެސް ކުރީ ޖަމުއިއްޔާ ދަފްތަރުން އުވާލައި، ހަމައެކަނި ނަމެއްގައި ކަމަށެވެ. ޖަމުއިއްޔާ އުވާލި ނަމަވެސް ހިނގަމުން ދިޔަކަން ރައީީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިއީ ހަނދާނުން ކައްސާލައިގެން ދިޔަސް ހަގީގަތް ކަމަށެވެ.
”އެހެންވީމަ، އެ ފިކުރުގެ ބަޔަކަށް، އެހެންވެ ކަންނޭނގެ ބޭނުންވަނީ ވެސް މަޖިލީހުގެ ބާރު ފަސް އަހަރަށް އަނެއްކާވެސް އިތުރު ކުރަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ޒިންމާދާރުކަމާއެކު ސަރުކާރުން ކޮށްދޭން އުޅޭ ކަންކަމަށް އެއްބާރުލުން ދޭނެ މެމްބަރުންނަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ހޮޅުދޫ ދާއިރާއަށް ވާދަ ކުރައްވަވާ ކެންޑިޑޭޓު، ސަޓޯއަށް އެމަނިކުފާނުގެ 100 އިންސައްތަ ތާއީދު އެބައޮތް ކަމަށެވެ.