މި ސަރުކާރުން ބޭނުންވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހިމާޔަތްކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް އަބްދުއްސައްތާރު މުހައްމަދު (ސަޓޯ)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު މި ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި 30 މިލިއަން ޑޮލަރު އެ ފަންޑުގައި ރައްކާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެކި ކަހަލަ ބޭނުންތަކަށް މި ފައިސާ ހަރަދުކުރުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށް ރިޔާސީ ކެމްޕެއިނުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ރައްކާކުރުން ކަމަށެވެ.
މިދިޔަ ސަރުކާރުން ވަނީ އެ ފަންޑުގައި ހުރި ޑޮލަރު ރުފިޔާއަށް ބަދަލުކޮށްފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ރުފިޔާގެ ބަދަލުގައި ޑޮލަރު ޖަމާކުރާ ފަންޑަކަށް ބަދަލުކުރުމަށްފަހު އެ ފަންޑަށް ހާއްސަ ގާނޫނެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ފާސްކުރުން ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ގާނޫނެއް ފާސްކުރުމަކީ ރާއްޖޭގެ އިގްތިސޯދު ރަނގަޅު މަގުން ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރުމަށްޓަކައި ހަފްތާ 14 ގެ މަސައްކަތްތައް އެކުލަވާލާ، އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވި ބިލަކީވެސް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ހިމާޔަތްކުރުމާ ބެހޭ ބިލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސޮވެރިން ފަންޑުގެ ފައިސާކޮޅު ހުސްކޮށްލީ މަޖިލީހުގެ ސުޕަ މެޖޯރިޓީ މިހާރު އޮތް އެމްޑީޕީގެ ސަރުކާރުން ކަމަށާއި އެ ފަންޑު އަނބުރާ އިއާދަކުރުމުގެ މަސައްކަތް މިކުރަނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ދިވެހިން އެދޭ ގޮތަށް ދިވެހިންގެ ފަންޑު ދިވެހިރާއްޖޭގައި އޮންނަ ގޮތަށް މި ސަރުކާރުން ބަދަލުކުރުމަށްފަހު ބިލެއް ހަދާފައި މަޖިލީހަށް ފޮނުވުމުން މަޖިލީހުން އެ ބިލު ބޭރުކޮށްލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ވިސްނުމެއްގައި ތިބި ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެގޮތުން ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރިއަށްގެންދަން ރާވާ މުހިންމު މަޝްރޫއުތަކާއި ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރާނެ މެމްބަރުންތަކެއް މަޖިލީހަށް ހޮވައިގެން ރައްޔިތުންނަށް ވާނީ ގެއްލުން ކަމަށް ރައީސް ވިދާޅުވިއެވެ.